ސްކޫލްތަކުން މިއަދު ވާހަކަދައްކަން ޖެހިފައިވަނީ
އޮޅުންބޮޅުންތައް ގިނަ އަދި އޮޅުންބޮޅުންތައް އިތުރުވަމުންދާ ދަރިވަރުންގެ
އާބާދީއަކަށް ދިމާވާ މައްސަލަތަކަކާއިމެދު ގައެވެ. މިފަދަ ތަފާތު، މައްސަލަތަކެއް ދަރިވަރުންގެ
ފަރާތުން ކުރިމަތިވަމުން ދާއިރު، އެކަންތައްތަކަށް ދުރާލާ ތައްޔާރުވެ ބިނާކުރަނިވި
ފިޔަވަޅު އެޅުއްވުމަކީ މުދައްރިސުން ކުރައްވަން ޖެހިލައްވާކަމެކެވެ. މި ކަންތައް
މުދައްރިސުން ކުރައްވަން ޖެހިލައްވަނީ ޖަޒުބާތީ އަދި ސުލޫކީ މައްސަލަތައް ހުންނަ
ދަރިވަރުންނާއި އަދި އެނޫން ދަރިވަރުންގެ އުނގެނުން މަތިކުރައްވަން ކުރައްވާ
މަސައްކަތާއި އެކު އެކީގައެވެ.
ކުލާހުގެ މާޙައުލު ކޮންމެވެސް މިންވަރަކަށް ހަލަބޮލިވެދާފަދަ
ކަންތައްތަކެއް ކުރަން ބައެއް ދަރިވަރުން އުޅެފާނެ އެވެ. މިސާލަކަށް، ޤަވާއިދާއި
އެއްގޮތަށް އުޅުމަށް ދެކޮޅުހެދުން، ޒުވާބުކުރުން، އެހެންމީހުންގެ ބޮލުގައި
ކަންކަން އެޅުވުން، ކުލާހުގެ އެހެން ދަރިވަރުން ރުޅިއެރުވުން،
އުނދަގޫ ކުރުން، ސަމާލުކަން ހޯދަންއުޅުން، ކުލާހުގައިބާރަށް
ވާހަކަދެއްކުން،އަދި މަސައްކަތް ނުކުރުންފަދަ ކަންތައްތަކެވެ. ދަރިވަރުންގެ
ފަރާތުން ފެންނަމިފަދަ ނުރަނގަޅު އަމަލުތަކާ ކުރިމަތިލައި އެކަމަށް
އެކަށޭނަ އަދި އެދެވޭ ފިޔަވަޅުމުދައްރިސުން އަޅުއްވަންވާނެ އެވެ. ފިޔަވަޅު
އެޅުއްވުމުގައި ސަމާލުކަން ދެއްވަންޖެހިލައްވާނެ ނުކުތާއަކީ މުދައްރިސުން
އެފަދަ ހާލަތްތަކުގައި އަޅުއްވާ ބައެއްފިޔަވަޅުތައް، ދަރިވަރުންގެ ފަރާތުން
ފެންނަ ނޭދެވޭ އުޅުން އިތުރަށްގޯސްވެދާނެފަދަ ފިޔަވަޅުތަކަކަށް
ވެދާނެކަމެވެ (ބާރބެޓަރ، ނޮރޮނާ، އަދި ބިކަރޑް، 2005؛ ބްރޯނެލް އަދި ވޯލްޓަރ- ތޯމަސް،2001؛ ކުކް، 2005؛ ސެލެނަޑު އަދި ސިލްވިސްޓަރ، 2005؛ ޒިރުޕޮލީ 2008).
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި އަދި
އެނޫން ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އުޅުންތަކާއި ގުޅިގެން އަޅާނެ
އިސްލާހީ ފިޔަވަޅުތަކެއް މުދައްރިސުންގެ އަތްމަތީގައި ހުއްޓަސް، އެފިޔަވަޅުތައް،
ރޭވުންތެރި ގޮތެއްގައި އެޅުއްވުމަކީ ފަހަރުގައި ނުވެދާނެ ކަމެކެވެ.
ނަތީޖާއަކަށްވާނީ، އެކަށިގެންނުވާ އަދި ދަރިވަރުންގެ ޢަމަލުތައް ކުރިޔަށްވުރެވެސް
ގޯސްވެދާނެފަދަ "އިސްލާހީ" ފިޔަވަޅުތައް އެޅުއްވޭގޮތްވުމެވެ. އަދި
އެފަދަ ފިޔަވަޅުތަކަކީ، ދަރިވަރުންނަށް އިބުރަތެއް
ޙާޞިލުނުވާ،
ބޭކާރު ފިޔަވަޅުތަކަކަށް ވެގެން ދިއުމެވެ. ދަރިވަރުންގެފަރާތުން ފެންނަ
ރަނގަޅު ކަންތައްތަކަށް ސަމާލުކަންދެވޭ މިންވަރަށްވުރެ ބޮޑަށްދަރިވަރުންގެ
ފަރާތުން ފެންނަ ނޭދެވޭ އުޅުމަށް މުދައްރިސަށް ސަމާލުކަން ދެއްވޭނަމަ،އެއީ
ނުރަނގަޅު އުޅުން ކުރިޔަށް ގެންދިޔުމަށް ދެވޭ ހިތްވަރަކަށް
ނުވަތަރީއިންފޯސްމެންޓަކަށް ވެއެވެ (ޒިރުޕޮލީ، 2008).
މުދައްރިސުންނަށް އޮތް ގޮންޖެހުމަކަށްވާނީ، މުދައްރިސުން ނުވަތަ މަދުރަސާއިން ދަރިވަރުންގެ ފަރާތުން އުއްމީދުކުރާ
ކަންތައްތައް ދަރިވަރުންނާ ހިއްސާކުރުމެވެ. ހަމަ އެއާއެކު ދަރިވަރުން ކުލާހުގައި
ކާމިޔާބު ޙާޞިލު ކުރުމަށް ބޭނުންވާ އަދި ބޭނުން ހިފެވޭފަދަ އުފެއްދުންތެރި
އޮނިގަނޑެއް ފޯރުކޮށްދިނުމަކީ ވެސް ދިމާވާ ގޮން ޖެހުމެކެވެ. މި ކަމުގައި އެއަރ
ޓްރެފިކް ކޮންޓްރޯލަރގެ މަސައްކަތް ނަމޫނާއަކަށް ބަލައިގެން މަސައްކަތް ކޮށްފިނަމަ
ކުލާހުގައި ތިބޭ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށް ބޭނުންވާ އުނގަންނައި ދިނުން ދަރިވަރުންޝައުޤުވެރިވާ
ގޮތަށް އަދި މާނައެއްހުރި ގޮތެއްގައި ފޯރުކޮށްދެވިދާނެ އެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލަރ ނަމޫނާއަކަށް ބަލަންވީ
ކީއްވެ؟
އެއަރޓްރެފިކް ކޮންޓްރޯލަރ އަކީ، މަތިންދާބޯޓު
ރަންވޭގައި ދުއްވާއިރު އަދި ރަންވޭގައި ބޯޓު ޖައްސާއިރު އަދި ރަންވޭއިން ބޯޓު
ނައްޓާލާއިރު، ޕައިލަޓަށް ބޭނުންވާ އިރުޝާދުދޭ މީހާއެވެ. އެއަރޓްރެފިކް
ކޮންޓްރޯލަރ ދޭ އިރުޝާދުގެ ތެރޭގައި ބޯޓު ޖައްސަންވާ ވަގުތާއި ބޯޓު ނައްޓާލުމާއި
ދެމެދުގެ ވަގުތުގެ ދިގުމިން ބުނެދިނުމާއި އެއަރ ސްޕޭސްގެ ތެރެއަށް ވަންނަ ބޯޓަށް
މަގު ދެއްކުމާއި އެއްޓަވަރުން އަނެއް ޓަވަރަށް ބޯޓު ޙަވާލުކުރުމުގެ ޒިންމާވެސް
ހިމެނެއެވެ. އެހެންގޮތަކަށް ބުނާނަމަ، މަތިންދާބޯޓު ވައިގެ ތެރޭގައްޔާއި އަދި
ދަތުރަށް ފުރާ ވަގުތުގައްޔާއި ދަތުރު ނިންމާ ވަގުތުގައި، ބޯޓުގެ ރައްކާތެރިކަމާއި
ސަލާމަތްތެރިކަމާއި ގުޅޭ ހުރިހާކަމެއްގެ ޒިންމާނަގާ ފަރާތަކީ އެއަރޓްރެފިކް
ކޮންޓްރޯލަރއެވެ. ކޮންމެއަކަސް، ކުލާސްރޫމުގައި ހެދޭ ކުށް (އެރަރސް) ތަކުގެ އަދަދު
މަތިންދާބޯޓުގެ ދަތުރުގައި ދިމާވާ ކުށްތަކަށްވުރެ މާބޮޑުތަންވެސް މަތިކަމަށް
ފާހަގަ ކުރެވެއެވެ. އެހެންކަމުން ކުލާހުގައި އެއް މާއްދާއިން އަނެއް މާއްދާއަށް
ނުވަތަ މުދައްރިސު އެއްފަރާތުން އަނެއް ފަރާތަށް ބަދަލުވާ ވަގުތުގައި ނުވަތަ
ކުލާސްރޫމުގައި ތިބެފައި ދަރިވަރުން ސުކޫލުގެ އެހެން ހިސާބަކަށް ބަދަލުވާ ވަގުތު
(ލައިބްރަރީއަށް، ހޯލަށް، ކުޅޭބިމަށް) އެދެވޭ ގޮތެއްގައި ދަރިވަރުންގެ
ހަރަކާތްތައް ބެލެހެއްޓުމަކީ މުދައްރިސުން ކުރައްވަން ޖެހިލައްވާނެކަމެކެވެ.މުދައްރިސުން
އެތަކެއް ދަރިވަރުންގެ ބޭނުންތަކަށް އެއް ވަގުތެއްގައި އިޖާބަދެއްވަން
ޖެހިލައްވައެވެ. އޭގެ ތެރޭގައި ޖަޒުބާތީ އަދި އަޚުލާޤީ މައްސަލަތައްހުންނަ
ދަރިވަރުންވެސް ހިމެނެއެވެ. މިއިން އެއްވެސް ދަރިވަރަކު
މުދައްރިސުގެނަޒަރުން ގެއްލިޔަ ދެއްވައިގެން ނުވާނެއެވެ. އޭގެ މާނައަކީ
ހުރިހާ ދަރިވަރުންތިބެންވާނީ މުދައްރިސުންގެ އަޅާލުން ލިބޭކަން ކަށަވަރު
ކުރެވިފައެވެ. ދަރިވަރުންއަމަލުކުރަންޖެހޭ އުޞޫލާއި ޚިލާފަށް ކިތަންމެ
ކުޑަކަމެއް ހިނގިކަމުގައިވިނަމަވެސްއެކަމެއް މުދައްރިސުންގެ ރާޑަރަށް
އަރާނެއެވެ. އިތުބާރުހުރި ގޮތެއްގައި ހެދިފައިވާދިރާސާ ތަކުން ފެންނަ
ގޮތުގައި، ހެޔޮގޮތުގައި ހިންގާ އަދި ބަލަހއްޓާ ކުލާސްރޫމެއްގައިބޭނުންކުރާ
ގޮތްތައް ވާންޖެހެނީ، ރަނގަޅު އޮނިގަނޑެއްގެ ތެރޭގައި ބެލެހެއްޓޭ،
އަދިކުރިޔަށް ލަފާކުރެވިގެން ފިޔަވަޅު އެޅޭ ނިޒާމެއް ކަމުގައެވެ (ސައިމަންސެން، ފެއަރ
ބޭންކާސް، ބްރީސް، މިއަރ، އަދި ސުގައި، 2008). އެއީ އެއަރ ޓްރެފިކް ކޮންޓްރޯލަރ
މިސާލަކަށް ފުރިހަމައަށް ފެތޭ ގޮތްތަކެވެ. ކުލާސްރޫމުގައި ދަރިވަރުން މައްސަލަތައް
ޙައްލު ކުރެވިދާނެ ގޮތްތަކުގެ ނަމޫނާއަކަށް ބެލިދާނެ އެތައްކަމެއް އެއަރޓްރެފިކް
ކޮންޓްރޯލް ނިޒާމުގެ ތެރެއިން ނެގިދާނެއެވެ. އެހެންނަމަވެސް މި ލިޔުމުގައި،
ބަލާލާފައިވަނީ އޭގެ ތެރެއިން 3 ކަމަކަށެވެ. އެއީ (1) ފްލައިޓް ޕްލޭނެއް
ތައްޔާރުކުރުން (2) އަމާން އޮމާން ދަތުރެއްކަން ޔަޤީން ކުރުން (3)
ރައްކާތެރިކަމާއި ސަލާމާތްތެރިކަމާއެކު ދަތުރު ނިންމުވުން.
ފްލައިޓް ޕްލޭން ތައްޔާރުކުރުން
ފްލައިޓަށް ދަތުރުގައި ދެވިދާނެ ތަނަކާއި އަދި
ކުރެވިދާނެ ކަންތައްތަކާއި ބެހޭ ސާފުސާދާ މިންގަޑެއް ކަނޑައަޅައި ދީފައި އޮތުމަކީ
އެއަރޓްރެފިކް ކޮންޓްރޯލަރ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހުރިހާ ގިންތިއެއްގެ
ދަރިވަރުން ހިމެނޭ ކުލާހަށްވެސް، އެގޮތަށް މިންގަޑުތަކެއް ކަނޑައެޅިފައި އޮތުމަކީ
އަޚުލާޤީ މައްސަލަތައް މަދު ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.
މައްސަލަތައް ދިމާވެދާނެ ދިމަދިމާ ފާހަގަކޮށް މިންގަނޑުތަކެއް ކަނޑައެޅި
ދަރިވަރުން އަމަލު ކުރަންޖެހޭ ގޮތްތައް ކިޔައިދީފައި އޮތުމަކީ ދިމާވެދާނެ ބޮޑެތި
މައްސަލަތައް މަދުކުރެވިދާނެ ކަމެކެވެ (ޑީޕްރައި
އަދި ސުގައި، 2002؛ ސްޓޯމޮންޓް، ސްމިތު،އަދި ލެވިސް،2007). މީގެއިތުރަށް
ކުލާސްރޫމުގައި ދަރިވަރުން އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދެއް އެކުލަވައި އަމަލު
ކުރުމަކީ ވެސް، ކުލާހުގައި މަސައްކަތެއްގައި ބައިވެރިނުވެތިބޭ ދަރިވަރުންނާއި
އުނދަގޫކުރާ ދަރިވަރުންގެ އެފަދަ އަމަލުތައް މަދުކުރުމަށް އެޅިދާނެ، އަދި
އެދެވޭ ނަތީޖާއެއް ފެނިފައިވާ ފިޔަވަޅެކެވެ ( ޖޯންސަން ސްޓޯނަރ، އަދި
ގްރިން،1916). އެހެނީ ރަނގަޅު އޮނިގަނޑެއް ކަނޑައަޅައި އެއާއި އެއްގޮތަށް
ޢަމަލުކުރެވޭ ކުލާސްރޫމުތަކަކީ އުފެއްދުންތެރި އަދި އުނގެނުމުގެ
މާޙައުލަކަށް
ވެގެންދެއެވެ (ކަރޓްލެޖް،ސިންގ، އަދި ގިބްސަން،2008؛ ކޮންރޯއީ،
ސުދަރލެންޑް،
ސްނައިޑަރ، އަދި މަރޝް، 2008؛ ސިމްސަންއާއި އޭނާގެ ބައިވެރިން؛ 2008).
ރައްކާތެރި
އުފާވެރި ދަތުރެއް ފެށެނީ ޕައިލެޓުންނަށް އެމީހުން ކުރަންވާ ކަންތައްތަކާއި
ނުކުރަންވާ ކަންތައް އެނގިގެން ކަމަށްވާތީ، އެބީދައިންނެވެ. ޖަޒުބާތީ
މައްސަލަތަކާއި އަޚުލާޤީ މައްސަލަތައް ހުންނަ ދަރިވަރުންނަށްވެސް
އުނގެނިގަނެވޭފަދަ މާޙައުލެއް ޤާއިމުކުރެވޭނީ ދަރިވަރުންނަށް
ކަނޑައެޅިފައިވާ
އިންތަކުގެ އިތުރަށް ޢަމަލުކުރަންޖެހޭ ރަނގަޅުގޮތް އެނގިގެންނެވެ.
ދަރިވަރުންނަށް
މިންގަޑެއް ކަނޑައެޅުމުގައި ސަމާލުކަން އޮންނަންޖެހޭ އެއްކަމަކީ، ޖިސްމާނީ
ގޮތުން ކުލާސް
ރޭވިފައިވާ ގޮތެވެ. އުނދަގޫވާފަދަ އަޑުތަކާއި އެނޫންވެސް ސަމާލުކަންދޭން
އުނދަގޫވާފަދަ ކަންތައްތަކާއިއެކު، ތޮއްޖެހިފައިވާ ކުލާހެއްގައި،
ބަސްއަހައިގެން
އުނގެނުމުގެ މަސައްކަތުގައި ދެމިތިބެވޭގޮތްވުމީ ނާދިރުކަމެކެވެ. ރަނގަޅު
ރޭވުމެއްގެދަށުން ކުލާސް އަތުރާލުން، އަޑު، އަލި، އަދި
ފިނިހޫނުމިން، މި ކަންތައްތަކަކީ ކުލާސްރޫމުތެރެ ފަރުމާކުރުމުގައި ނުވަތަ އަތުރާލުމުގައި
މުއްދައްރިސުން ސަމާލުކަން ދެއްވަން ޖެހިލައްވާނެ ކަންތައްތަކެވެ ( ބްރޯނެލް އަދި
ވޯލްތަރ-ތޯމަސް،2001؛ ބަރކޭ އަދި ބަރކޭ ސަމައިކް، 2004؛ ސުމިތު އަދި ބޮންޑީ 2000).
އެއަރޓްރެފިކް ކޮންޓްރޯލަރގެ ބަހުރުވައިންނަމަ ޕައިލެޓުގެ މަސައްކަތް ފަށަންވާނީ،
ރަންވޭ ސާފުވެ ހަމަހިމޭން ވުމަށް ފަހުގައެވެ. ކިތަންމެ ވަރަކަށް ފަރުމާކުރެވި
އަތުރާލެވިފައިވާ ކުލާސްރޫމަކަށް ވިޔަސް ބައެއް ދަރިވަރުން ކުލާސްރޫމު ތެރޭގައި
އުދުހޭހެން ހީވާނެއެވެ.
އެ ދަރިވަރުންނަށާއި އެހެން ދަރިވަރުންނަށްވެސް
އަޅާލެވި އެހީތެރިވެދިނުމަށް ރަނގަޅަށް މިންކުރެވި، ސަރަހައްދުތައް ވަކިކުރެވިފައިވާ
ކުލާސްރޫމެއްގައި މާބޮޑަށްވެސް މަސައްކަތް ކުރެވޭނެއެވެ. އެހެންނޫނިއްޔާ
މުދައްރިސުން ޖެހިލައްވާނީ، އަސާސެއްނެތި، އަބަދުމެ އިންޒާރު ދެއްވަދެއްވަ
ތިއްބަވާށެވެ. މިސާލަކަށް "ގޮނޑީގައި އިށީދޭ!" ނުވަތަ "އެތަން
މިތަނަށް ނުގޮސް މަޑުންހުރޭ" މިފަދަ ގޮތަކަށެވެ. ރަނގަޅަށް ތައްޔާރު
ކުރެވިފައި ފްލައިޓް ޕްލޭނެއް ހުށަހެޅުމުގެ މާނަ އަކީ، ދަރިވަރުން
ކުލާސްރޫމުގައި ހަރަކާތްތެރި ވުމަށް ވަކި އިންތަކެއް ކަނޑައަޅާ ހަރަކާތްތެރިވެވޭނެ
ސަރަހައްދު ކަނޑައެޅުމެވެ. ކުލާހުގައި ގޮނޑިން ތެދުވެގެން ދުރަށްދާ ދަރިވަރުން
ހަމަޔަކަށް އެޅުވުމަށްޓަކައި ޑެސްކު ހިމެނޭ ސަރަހައްދުގައި ޑެސްކުން ފެށިގެން
ކޮންމެ ފަރާތެއްގައި އެއްފޫޓުގެ ދުރުމިން ހުންނަވަރަށް ދިގުއަކަށްވާގޮތަށް ރަތްކުލައިގެ
ޓޭޕުން ފާހަގަކޮށްލެވިދާނެ އެވެ. އެންމެފުރަތަމަ ފަށައިގަންނަ ފަހަރަށްވާތީ
ސަރަހައްދު ތަންކޮޅެއް ބޮޑުކޮށް ބެހެއްޓިދާނެ އެވެ. ދަރިވަރުން ހަމަޔަކަށްއެޅި
ފަރިތަވުމުން ސަރަހައްދު ކުޑަކޮށްލެވިދާނެ އެވެ. ކަނޑައެޅުނު މި ސަރަޙައްދަކީ
ދަރިވަރުންގެ އަމިއްލަ ސަރަޙައްދު (ޕާރސަނަލް ސްޕޭސް) ކަމަށް ދަރިވަރުން ގާތު ވިދާޅުވެވިދާނެ
އެވެ. އަދި އެސަރަޙައްދުގެ ވެރިއަކީ އެދަރިވަރުކަމަށް ކަނޑައަޅުއްވާށެވެ. ކޮންމެ
ދަރިވަރަކަށް ވެސް އެދަރިވަރުގެ ސަރަޙައްދުގައި މިނިވަން ކަމާއެކު އުޅެވިދާނެ
ކަމަށާއި ސަރަޙައްދުން ބޭރަށްދާނަމަ މުދައްރިސުގެ ހުއްދަ ހޯދަންވާނެކަމަށް އަންގަވަންވާނެ
އެވެ. އަދި އެހެން ދަރިވަރުންނަށް ސަރަޙައްދަށް ވަދެވޭނީ އެސަރަޙައްދުގެ ވެރި-ދަރިވަރުގެ
ހުއްދަ ލިބިގެންނެވެ. ހަމަ މިގޮތަށް ކުލާހުގެ އެހެނިހެން ސަރަޙައްދުތަކުގައިވެސް
އެގޮތަށް މާރކުކޮށް ލެވިދާނެއެވެ. މިސާލަކަށް "ކުދި ގްރޫޕަށް އެހިތެރިވެދޭ
އޭރިއާ"، މި ގްރޫޕުގައި މުދައްރިސު ކުދި ގްރޫޕަށް އެހީތެރިވެދޭން
ހުންނަވާއިރު އެހެން ޤުރޫޕްތަކުގެ ދަރިވަރުންނަށް ނުވަދެވޭނެއެވެ. އެއީ "ނޯފްލައިޒޯން"
އެވެ. އެއް އެއަރ ސްޕޭސްއިން އަނެއް އެއަރ ސްޕޭސް އަކަށް ވަންނައިރު ހުއްދަ
ހޯދަންޖެހޭ ފަދައިން ދަރިވަރުންވެސް މުދައްރިސުގެ ހުއްދަ ލިބެންދެން ތިބެންޖެހެނީ
އެކުއްޖެއްގެ އަމިއްލަ ސްޕޭސްގައެވެ.
އަމަންއޮމާން ދަތުރެއްކަން ކަށަވަރުކުރުން
އަލްފާ ކޮމާންޑްސް
ހުރިހާ ޙާލަތްތަކުގައި އެއަރޓްރެފިކް ކޮންޓްރޯލަރުން
ވާހަކަ ދައްކާނީ މަޑުމައިތިރި އަޑަކުންނެވެ. އެންމެ ހާސްކަންބޮޑު ވަގުތު
ތަކުގައިވެސްމެ އެވެ. ޕައިލެޓަށް ބޭނުންވާ މިންވަރަށް މަޢުލޫމާތު ފޯރުކޮށްދީ ޕައިލެޓު
ކުރަންޖެހޭ ވަކި މިވެނި ކަންތައްތައް ސާފުކޮށް ބުނެދޭނެ އެވެ. ޖަޖު ނުކުރާނެ އެވެ.
ނުވަތަ ހިތްވަރުއެލޭފަދަ ވާހަކަނުދައްކާނެ އެވެ. މިފަދަ ގޮތަކަށް ،މުދައްރިސަށްވެސް
ދަރިވަރުންނަށް އިރުޝާދު ދެއްވާއިރު، އަމަލު ކުރެވިދާނެ އެވެ. އެފަދަ އިރުޝާދުތައް
ވީހާވެސް ކުރުކޮށް ސާދާކޮށް ( 10 ލަފުޒު ނުވަތަ އެއަށްވުރެ މަދުން ) ވިދާޅުވާށެވެ.
ދެމާނަ ދޭހަވާގޮތަށް ވިދާޅުނުވާށެވެ. ތަކުރާރު ނުކުރައްވާށެވެ. ( ސުމިތު އަދި
ބޮންޑީ،2007 ). ޓީޗަރުން އެބޭފުޅުންގެ ކުލާހުގައި "ނުކުރޭ، ނޫން'
ވިދާޅުޅުވުން، "ކުރާށޭ!" ވިދާޅުވާ މިނަވަރަށްވުރެ އިތުރުވެއްޖެނަމަ
އެކުލާހަކީ އަމުރަށް ނުކިޔަމަންތެރިވާ ކުލާހެއްގެ އިތުރުން، ނަމާންކަން ފެތުރިފައިވާ
ކުލާހަކަށް ބަދަލުވެއެވެ ( ރޯޑް، ޖެންސަން އަދި ރީވިސް، 1993 ). ދަރިވަރުންގާތު
ވާހަކަދެއްކުން ހުއްޓާލާށޭ ބުނުމަށްވުރެ ފިލާވަޅުގެ މަސައްކަތްކުރަން ވިދާޅުވުން
މާ ބާރުގަދަ ވާނެއެވެ. އަދި ދަރިވަރު މަސައްކަތް ކުރަން ފަށައިފިނަމަ ހިތްވަރުގެ
ބަހެއް ވިދާޅުވާށެވެ ( ބަރބެޓަރ އާއި އޭނާގެ ބައިވެރިން، 2005 ).
ދަތުރުގެ ޙާލަތްތައް ޗެކް ކުރައްވާށެވެ
އަމާން އޮމާން އުފާވެރި ދަތުރަކަށް ހެދުމަށް
ޕައިލެޓު ބަލާ ކަންތައްތަކުގެ ތެރޭގައި، ފްލައިޓު ޕްލޭން ބެލުމާއި، މައުލޫމާތު
ތާޒާކުރުން ހިމެނެއެވެ. ހަމަ މިގޮތަށް ދަރިވަރުންވެސް އެދަރިވަރުންގެ އުޅުން
ނުވަތަ ކަންތައް ކުރާގޮތް އަމިއްލަޔަށް ބެލުމަކީ އުގަންނައި ދިނުމުގެ ވަގުތު ހެޔޮ
ގޮތުގައި ބޭނުން ހިފުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ. އާންމު ގޮތެއްގައި
ދަރިވަރުންގެ ނަތީޖާ، އެއް ހަފުތާއިން އަނެއް ހަފުތާއަށް އަންނަ ބަދަލު
ދަރިވަރަކަށް ނޭގެއެވެ. ޓީޗަރު ގަވާއިދުން ފީޑްބެކް ދެއްވަމުން ގެންދަވާއިރުވެސް
މެއެވެ. ދަރިވަރު އުނގެނެމުން ދާގޮތުގެ މަޢުލޫމާތު ބެލެހެއްޓުމަކީ މުދައްރިސު
ކޮންމެހެން ކުރައްވަން ޖެހިލައްވާ ކަމެއްކަމުގައި ވިޔަސް، ( ބަރނެޓުއާއި އޭނާގެ
ބައިވެރިން، 2005؛ ކުކް 2005؛ސުމިތު އަދި ބޮންޑީ 2007) ، ގިނަ
ޓީޗަރުންނަށް އެ މަސައްކަތްކޮށް ދަރިވަރުންގެ ރެކޯޑު ބަލަހައްޓައި ކޮންމެ
ދަރިވަރަކަށް ފީޑުބެކް ދޭނެ ވަގުތެއް ނޯވެއެވެ. މި ކަމަށް ހޯދިދާނެ އެއް ޙައްލަކީ ބައެއް ދަރިވަރުންނަކީ، ވަރަށް ކުޑައިރުއްސުރެ، އަމިއްލަ ނަފުސުގެ ކަންތައް ބެލެހެއްޓޭ ނުވަތަ
އަމިއްލަ ނަފުސުގެ ޢަމަލުތަކުގެ ރެކޯޑު ބަލަހައްޓަން އެނގޭ ދަރިވަރުންނަށްވާތީ
އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމެވެ ( ޑަލީ އަދި ރަންނާލި، 2003؛ ގަމްޕެލް
އަދި ގޯލަން، 2000؛ ހަޗިންސަން މަރޑެސް، ވިލިއަމްސަން، ކްރޯނިން، 2000 ). މިސާލަކަށް، ދަރިވަރުންގެ އަމިއްލަ އުޅުން ބެލެހެއްޓުމަށް ގްރާފެއް ހެދުމާއި އަމިއްލަ
ވާހަކަދެއްކުން، މި ކަންތައްތަކުގެ ސަބަބުން ކުލާހުގައި ދިމާވާ މައްސަލަތައް
މަދުވުމުގެ އިތުރުން މެތުސް އެސައިންމަންޓު ތަކުގެ ނަތީޖާ ބަރާބަރު ވުމާއި
ބޭނުންވާ ވާހަކައެއް ލިޔުމުން ބުނުމުގެ ޤާބިލްކަން އިތުރުވުންވެސް ހިމެނެއެވެ.
އެއީ ކުލާހުގައި ހިމެނޭ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށްވެސް ފައިދާހުރި
ކަމެކެވެ (ޔޭކް، 2005؛ ސްޓޭޒް، އާއި ޓޭއީ، ކޮންރޭޑް އަދި އެއްބަރޓް މޯރގަން،
2008).
ދަރިވަރުގެ ސުކޫލަށް ބަލާއިރު ދަރިވަރަކު
މުދައްރިސުގެ ހުއްދައާއި ނުލައި ކުލާހުގައި ވާހަކަދައްކާނަމަ، ނުވަތަ އެހެން
ދަރިވަރުންނަށް އުނދަގޫކުރާނަމަ، ނުވަތަ ފުރައްސާރަކުރާނަމަ، އެކަމަށް ޚާއްޞަކޮށް
ތައްޔާރު ކުރެވިފައިވާ ފޯމެއް އެ ދަރިވަރަށް ދީ ދަރިވަރު އަމިއްލައަށް ދަރިވަރުގެ
ނަފުސު ބަލަހައްޓަން ނުވަތަ މޮނިޓަރ ކުރަން ޙަވާލު ކުރެވިދާނެއެވެ. އެފޯމުގައި
އިސްލާޙުވާން ބޭނުންވާ އަމާޒުތައް ރަނގަޅަށް އެނގޭގޮތަށް ފާހަގަ ކުރެވިފައި އޮންނަން
ޖެހޭނެއެވެ.
އަމިއްލައަށް ނަފުސުގެ ޙާލަތު ބަލަމުން ދިއުމުގެ
އުސޫލު، ސްޕެލިންގ ޓެސްޓް ނުވަތަ މެތުސް ކުއިޒް ތަކުގެ ނަތީޖާ ވަޒަންކުރުމުގައި ބޭނުންކުރެވިދާނެ އެވެ. މިސާލަކަށް
ކޮންމެ ހަފުތާއަކު 20 ސުވާލު ދެވޭނަމަ އެއް ހަފުތާއިން އަނެއް ހަފުތާއަށް ދަރިވަރު
ކުރިއަށްދާ މިންވަރު ބެލުމަށް ދަރިވަރު އަމިއްލައަށް ގްރާފެއް ހެދިދާނެއެވެ. ރޯ ސްކޯރ
ނުވަތަ ޕަސަންޓޭޖް ހިމަނައިގެންނެވެ. ފުރަތަމަ ޓެސްޓްގައި 17 ޖަވާބު ރަނގަޅު
ކޮށްފައި ދެން އަންނަ ހަފުތާތަކުގައި 14،16،12، އަދި 19 ހޯދައިފިނަމަ ދަރިވަރުގެ
އަމިއްލަ ގްރާފެއްގައި އެނަތީޖާ ފާހަގަކޮށް ފަސޭހައިން ދަރިވަރުގެ ކުރިއެރުން
ފެންނަގޮތަށް ހެދިދާނެއެވެ.
ނަފުސު އަމިއްލައަށް ވަޒަންކުރުމަކީ ދަރިވަރުގެ
ސުލޫކާއި އުނގެނުމުގެ ކުރިއެރުން ، ވަކި މުއްދަތެއްގެ ތެރޭގައި އަންނަ ބަދަލުތައް
ސާފުކޮށް އެނގޭނެ ގޮތެކެވެ. ދަރިވަރަށާއި މުދައްރިސަށާއި، ބެލެނިވެރިންނަށް ވެސް
މެއެވެ. ޖަޒުބާތީ އަދި ސުލޫކީ މައްސަލަތައް ހުންނަ ދަރިވަރުން އެ ދަރިވަރުންގެ
ސުލޫކު އަމިއްލައަށް އިސްލާހު ކުރަން ބޭނުންވެގެން އުޅޭ ވަގުތު މި މަޢުލޫމާތުގެ މުހިންމުކަން
ވަކިން ބޮޑުވާނެއެވެ. އެއަރޓްރެފިކް ކޮންޓްރޯލަރ މޫސުމަށް އަންނަ ބަދަލުތައް
ފުލައިޓް ދަތުރު ކުރަމުންދާއިރު ޕައިލެޓަށް ފޮނުވަމުން ދާނެއެވެ. ޕައިލެޓް
އެމަޢުލޫމާތު ބޭނުންކުރާނީ އަމާން އުފާވެރި ދަތުރަކަށް ހެދުމަށްޓަކައި ބޮޑެތި
ކޮޅިގަނޑުތަކުން ރެކި ގަތުމަށެވެ. ހަމަ މިގޮތަށް ދަރިވަރުންވެސް އެދރިވަރުންގެ
މަޢުލޫމާތު ބަލަހައްޓައި ދަރިވަރުންގެ ވަގުތުގެ ބޭނުން ކުލާހުގައި ހެޔޮގޮތުގައި
ހިފުމަށް އެ މަޢުލޫމާތު ބެނުންކުރެވިދާނެ އެވެ.
ފެންނަގޮތްހެދުން
ދަތުރު ކުރަމުންދާއިރު ވަމުންދާގޮތް ބެލުމަށް
ޕައިލެޓް ބޭނުންކުރާ އާލާތްތައް ހުރެއެވެ. އޭގެ އިތުރަށް އެއަރ ޓްރެފިކް ކޮންޓްރޯލަރ
ފޮނުވާ މަޢުލޫމާތުގެ ބޭނުންހިފައި ފުރިހަމައަށް ދަތުރު ކުރެއެވެ. ކުލާސްރޫމުގައި
ވަރަށްގިނަ ފަހަރު ދަރިވަރުންގެ މަސައްކަތުގެ މިސްރާބު ( އޮން ކޯރސް )
ގެއްލޭގޮތްވެ އެވެ. ވަކި ޚާއްޞަ ގޮތެއްގައި މުޅި ޕީރިއަޑަކީ ލިޔުމުގެ
މަސައްކަތްކުރާ ޕީރިޑަކަށް ވާނަމައެވެ. ސުވާލަކީ ދަރިވަރުން މަސައްކަތުގައި ( އޮންޓާސްކް
) ބޭތިއްބުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯއާއި ދަރިވަރުން ލިޔުމުގެ
މަސައްކަތް ކޮށްފައިވަނީ ކިހާ ވަރަކަށްތޯ ދެނެގަންނާނީ ކިހިނެއްތޯއެވެ.
މި ކަމުގައި ހެދިދާނެ އެއްގޮތަކީ އަމިއްލަ
މަސައްކަތް ކުރަމުންދާ ދަރިވަރުންގެ މަސައްކަތް މުދައްރިސު ބައްލަވާ ދަރިވަރު
އެންމެފަހަށް ކުރި މަސައްކަތް ނިމޭ ހިސާބުގައި ރަތްކުލައިގެ ދެއްޔަކުން ފާހަގައެއް
ޖެއްސެވުމެވެ. ނުވަތަ ރޮގެއް ދަންމަވާ ލެއްވުމެވެ. އެއަށްފަހު ދަރިވަރުންގާތު ވިދާޅުވާންވީ
ދަރިވަރުންގެ އަމާޒަކަށް ވާން ޖެހޭނީ މުދައްރިސު ޖެއްސެވި ފާހަގައަށްވުރެ އިތުރށް
މަސައްކަތްކުރުން ކަމުގައެވެ.
ރަތްކުލައިގެ ރޮގުން އަންގައިދެނީ ދަރިވަރަށް
އިތުރަށް މަސައްކަތް ކުރެވުނު މިންވަރުގެ
ޙަވާލާއެވެ. ދަރިވަރުގެ މަސައްކަތަށް ދެވަނަ ފަހަރަށް ބަލާލާ ފުރަތަމަ ސިކުންތުގައިވެސް
ދަރިވަރަށް މަސައްކަތް ކުރެވުނު މިންވަރާއި އަމާޒަށް ވާޞިލުވުމަށް އޮތް ރާސްތާގެ
މާއްދީ ހެއްކެއް ފެންނާނެ އެވެ ( މޭފީލްޑް، ގްލެން، އަދި ވޮލްމަރ، 2008؛ ޕީޓަރސަން،
މެކްލަފަލިން، ވެބަރ، އަދި އެނޑަރސަން، 2008؛ ރިވެރަރ ކޫރލަންޑް، އަދި ފިއެޔޯ،
2002).
ކޮންޓްރޯލް ރޭޑިއޯ ކޮންޓެކްޓް
އެއަރޓްރެފިކް ކޮންޓރޯލަރެއްގެ އިރުޝާދަށް
ތަބާވުމަކީ ޕައިލެޓް ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އެކަމަކު، ކޮންމެ ފަސްމިނިޓަކުން އެއަރޓްރެފިކް
ކޮންޓްރޯލަރ ޕައިލެޓަށް ގުޅާނަމަ، އެކަންވާނީ ޕައިލެޓަށް ނުހަނު އުދަގޫވާނެކަމަކަށެވެ. ކުލާހުގައި، ބައެއް ދަރިވަރުން މުދައްރިސު
ގާތަށް އެދަރިވަރުން މަސައްކަތް ކުރަމުންދާގޮތް ކަމުދޭތޯ ޔަގީންކޮށްލުމަށްޓަކއި
އަންނާނެ އެވެ. އެހެން އެވަނީ، އެދަރިވަރުންގެ ނަފުސަށް އެފަދަ
ޔަގީންކަމެއްނެތުމާއި އަދި ބައެއްފަހަރު މުދައްރިސުގެ ވަރަށް މަތީދަރަޖައިގެ
ސަމާލުކަން ހޯދުމަށް ބެނުންވާތީ އެވެ. އެގޮތަށް މުދައްރިސު ގާތަށް އަންނަ
ދަރިވަރުންގެ ތެރޭގައި ވަކިސަބަބެއްނެތި އަންނަ ދަރިވަރުންވެސް ތިބެއެވެ. ރަނގަޅު
ރޭވުމެއްނެތި އެހުރިހާ ދަރިވަރުންގެ ސުވާލުތަކަށާއި އެދުންތަކަށް އިޖާބުދީ
ޖަވާބުދެއްވަން މުދައްރިސު ފައްޓަވައިފިނަމަ، ކުލާހުގައި މާގިނަ މަސައްކަތްތަކެއް
މުދައްރިސަށް ނުކުރެއްވޭނެ އެވެ. އަދި ދެނތިބި ދަރިވަރުންނަށް އަޅާލައްވާނެ
ފުރުސަތުވެސް ލިބިނުލައްވާނެ އެވެ. މި ހާލަތު ރަނގަޅުކޮށް ހުރިހާ
ދަރިވަރުންނަށްވެސް ސަމާލުކަންދެވޭ އަދި ނަފުސަށް އިތުބާރުނެތް ދަރިވަރުން
މާޔޫސްކޮށްނުލައްވަވާ ކުރިޔަށްގެންދެވުމަށް ހެއްދެވިދާނެ ގޮތެއް ހޯއްދެވުމަކީ
މުދައްރިސުގެ މަސްއޫލިއްޔަތެކެވެ.
އިހަށް މަޑުޖައްސާލުން
ހެއްދެވިދާނެ އެއްގޮތަކީ، "
ވަކިވަގުތެއްވަންދެން ހިފެހެއްޓުމުގެ އުސޫލް " ބެނުންކުރެއްވުމެވެ. މި
އުސޫލުގައި ދަރިވަރުންގެ ސުވާލުތަކަށާއި އެދުންތަކަށް މުދައްރިސު އިޖާބަދެއްވާނީ
ވަކިވަގުތެއްގެތެރޭގަ އެވެ. އެވަގުތުކޮޅުގެތެރޭގައި އަމިއްލައަށް މައްސަލަތައް
ޙައްލުކުރަން މަސައްކަތްކުރަމުންދާ ދަރިވަރުންނަށާއި އަދި ރަހުމަތްތެރި
ދަރިވަރުންގެ އެހީހޯދައިގެން މައްސަލަ ޙައްލުކުރާ ދަރިވަރުންނަށް މުދައްރިސު
ތަރުހީބު ދެއްވަންވާނެ އެވެ ( ކޫޕަރ ، ހެރޮން، އަދި ހެވަރޑް، 2007؛ ފިލްޗެކް،
މެކްނީލް، ގްރީކޯ، އަދި ބަރނަޑް، 2004
). ޖަޒުބާތީ އަދި ސުލޫކީ މައްސަލަތައް ހުންނަ ދަރިވަރުންނަށް އުނގަންނައިދޭއިރު
އިނާމު ދިނުމުގެ ނިޒާމެއް ( ޓޯކެން އިކޮނޮމީ ސިސްޓަމް ) އެއް ބެނުންކުރެއްވުމަކީ
ފައިދާހުރި ކަމެއްކަމުގައި ފާހަގަކުރެވިފައިވެ އެވެ (އެލްބަރޓް، އެންޑަރސަން، އަދި
މަރޓިން، 2005).
ޓީޗަރުގެ ސަމާލުކަން ހޯދުމުގެ ބަދަލުގައި ދަރިވަރުން
އަމއްލައަށް ކުރެވިދާނެ ކަންތައްތައް ދަރިވަރުންނަށް ކިޔައިދެއްވާފައި އޮތުމަކީ
މުހިންމު ކަމެކެވެ. އެގޮތުން، މައްސަލަތައް ހައްލުކުރުން ދަރިވަރުންނަށް
ކުރެވިދާނެ ކަންތައްތަކުގެ ލިސްޓެއް އެކުލަވާލެވިދާނެ އެވެ. " ރައްޓެހި ކުއްޖެއްގެ ގާތު
އަހާށެވެ." ، "ޑިކްޝަނަރީ އިން ހޯދާށެވެ" ، " ކުރިން
މިފަދަ މައްސަލަތައް ހައްލުކުރަންހެދީ ކިހިނެއްތޯ އަމިއްލަ ނަފުސާއި
ސުވާލުކުރާށެވެ. " މި ފަދަ އިރުޝާދުތައް ލިސްޓުގައި ހިމެނުއްވިދާނެ އެވެ. މި
އުސޫލު ކަމިޔާބުވާނީ، ދަރިވަރުން އެދެވޭގޮތުގައި ސުލޫކު ބެހެއްޓުމުން މާނައެއްހުރި
އިނާމެއް ނުވަތަ ރިއިންފޯރސްމެންޓެއް
ވަރަށް ހަރުދަނާ އުސޫލަކުން ނުވަތަ އެއްވެސް ތަފާތުކުރުމެއްނެތި
ދެއްވާނަމައެވެ. މި އުސޫލު ފަރުމާކުރެވިފައިވަނީ، އަބަދު އެހީއަށް އެދި ގޮވުމުގެ
ބަދަލުގައި، ދަރިވަރުންގެ ޒިންމާއެއްވެސްވާކަން ދަސްކޮށްދީ، އުނގެނުމުގެ
މިލްކުވެރިކަން ދަރިވަރަށް ދިނުމުގެ ބޭނުމުގައެވެ. އަދި މިނިވަންކަމާއިއެކު
އުނގެނުމުގެ ހިތަހަމަޖެހުން ދަރިވަރަށް އިހުސާސްކޮށްދިނުމަށެވެ.
ރައްކާތެރިކަމާއެކު ބޯޓު ޖެއްސުވުން
މަގުސާފުވުމުން ބޯޓުތިރިކުރުވުން
ރަންވޭގައި ޖައްސަން އަންނަ ބޯޓުތައް ވަކި
ތަރުތީބަކުން ޖައްސަން އިހަށް މަޑުކުރުވުމަކީ ކާރޫބާރޫބޮޑު އެއަރޕޯޓުތަކުގައި
އެއަރޓްރެފިކް ކޮންޓްރޯލަރުން ގެންގުޅެންޖެހޭ އުސޫލެކެވެ. މިފަދަ ހާލަތްތަކުގައި
ވަރަށް ރަނގަޅަށް ތައްޔާރުވެގެން ، ކުއްލިގޮތަކަށް ބޯޓުޖައްސަން ޕައިލެޓަށް ވަގުތު
ލިބެއެވެ. ކުލާސް ފެށުމުގައްޔާއި އެއް ހަރކާތުން އަނެއް ހަރކާތަށް ބަދަލުވާ
ވަގުތުތަކުގައްޔާއި ނުވަތަ ދަރިވަރުންގެ ވަކި ގްރޫޕަކަށް އެހީތެރިވެދެއްވަމުންވެސް
ވަކި ދަރިވަރަކަށް ޚާއްޞަ ސަމާލުކަމެއްދެއްވަން ޖެހިލައްވަފާނެ އެވެ. އެ ދަރިވަރު
ރުޅިގަދަވަމުންދާނަމަ، ނުވަތަ އެހެން ދަރިވަރުންނަށް މާބޮޑަށް އުދަގޫކުރާނަމަ،
އެކަހެރިކޮށްލުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެހެނަސް، އެފަދަ
ހާލަތްތަކުގައިވެސް ، މުދައްރިސު އެކަމުގެ ތެރެއަށް ވަންނަވަންވާނީ އީޖާބީ
ގޮތެއްގައެވެ ( ބޭކަން، 1990 ). އެންޓިސެޕްޓިކް ބައުންސިންގ ނުވަތަ ދަރިވަރު
ވަގުތީގޮތުން އެކަހެރިކޮށްލުން މިއީ އެދެވޭ ނަތީޖާ ފެންނަކަމެއްކަމުގައި
ކުރީސއްސުރެ ގަބޫލުކުރެވިފައިވާ ކަމެކެވެ. އެއީ ރަންވޭގައި ޖައްސަން އަންނަ ބޯޓެއް
ނުޖައްސާ އިހަށް މަޑުކޮށްލަން އެއަރޓްރެފިކް ކޮންޓްރޯލަރުން އަންގަންޖެހޭފަދަ
ހާލަތެވެ. ކުރިންދެންނވި ފިޔަވަޅު އެޅުމުން، ކުލާސް އަމާންކަމާއިއެކީ ކުރިޔަށް
ދާނެއެވެ ( ލޯންގ، މޯރސް، އަދި ނިއުމަން، 1980؛ ސުމިތު، މައިލްސް، 2003؛ ވޯލްޑަރ ، ކޯލްވިން، އަދި ރަމްސޭ ، 1995 ).
ދަރިވަރަކު ކުލާހުގައި ސަކަރާތްޖަހާތީ ވަގުތީގޮތުން
އެކަހެރިކޮށްލުން ނުވަތަ ކުރު ދަތުރެއްގައި އެހެންކަމެއްގައި އޮފީހަށް ފޮނުވާލުން
ނުވަތަ އެންޓިސެޕްޓިކް ބައުންސިންގ އަކީ ވަރަށް ޙިކުމަތްތެރި ކަމާއިއެކު ނުކުރެވިއްޖެނަމަ،
ހިތިނަތީޖާއެއް ނުކުމެދާނެކަމެކެވެ. އިރާދަ ކުރެއްވިއްޔާ އެންޓިސެޕްޓިކް
ބައުންސިންގ އާއި ބެހޭގޮތުން ތަފުސީލީ ލިޔުމެއް މި ބްލޮގްގައި ޝާއިއުކުރާނަމެވެ.
ކޮންމެއަކަސް، ދަރިވަރަކު ކުލާހުން އެކަހެރިކޮށްލާ
ވަގުތު އެއީ މައްސަލައަކަށް ނަހަދައި ، ކުރު ދަތުރެއްގައި، ކޮންމެވެސް ކަމެއް
ހަވާލުކޮށްފައި ފޮނުވާލެވިދާނެ އެވެ. އެހެންހެދުމުން، ދަރިވަރު ހަމައަކަށްއެޅި
މަސަލަސްވެދާނެ އެވެ. މި ފިޔަވަޅު މުދައްރިސު އަޅުއްވަންވާނީ ދަރިވަރުގެ
ސަކަރާތްޖެހުން ނުވަތަ ނޭދެވޭ ސުލޫކު މާމައްޗަށް ނުދަނީހެވެ. އަދި ދަރިވަރު ގާތު
" ކުރު ދަތުރު " ދާން އެދެންވާނީ އީޖާބީ ގޮތެއްގައެވެ ( ބްރެއިތުވެއިޓް،
2001 ).
" އަޅުގނަޑުގެ ކުލާހުން ކުޑައިރުކޮޅަކަށް މިދަރިވަރު ބޭރަށް ފޮނުވާލަން ބޭނުންވެ އެވެ. އޭނާ 5-10 ވަރަކަށް މިނިޓުވަންދެން އޮފީހުގައި ބޭންދެވުމަށްފަހު ރަތްކުލައިގެ ގަލަމެއް ދެއްވާފައި ފޮނުއްވާ ދެއްވާށެވެ. "
މި ފަދަ ނޯޓެއް ލިޔުއްވައި ސިޓީއުރައަކަށް ލައްވައި ދަރިވަރުގެ އަތަށް ދެއްވާފައި އޮފީހަށް ނުވަތަ ލީޑިންގ ޓީޗަރަކަށް ނުވަތަ ވަކި މުދައްރިސަކަށް ފޮނުއްވެވިދާނެ އެވެ. ސިޓިއުރަ އޮންނަންވާނީ ރަސްމީ ސިޓީއުރައެއްގެ ސިފައިގައެވެ. ސިޓިއުރައިގެ ބޭރުގައި ރަސްމީ ލިޔުމަކުން، " ދަރިވަރަށް ޖަވާބެއްދެއްވުން އެދެން " މިފަދަ އިބާރާތެއް ލިޔުއްން ރަނގަޅެވެ. މިގޮތް ބޭނުންކުރައްވަން ގަސްދުކުރައްވާނަމަ، އޮފީހާއި، ނުވަތަ ލީޑިންގ ޓީޗަރާއި ނުވަތަ އެހެން ޓީޗރަކާއި ކުރިން ވާހަކަދައްކަވާފައި ބޭއްވެވުން ވަރަށް މުހިންމުވާނެ އެވެ. އަދި އެއް މުދައްރިސް އަނެއް މުދައްރިސަކަށް އެހީތެރިވެދެއްވުމަކީ މިފަދަ އިސްލާހީ ފިޔަވަޅުތައް ކާމިޔާބުވާނެކަމެކެވެ.
ބޯޓުޖައްސަން ރަންވޭ ހެޔޮވަރުކުރުވުން
747 ގެ މަތިންދާ ބޯޓެއް ދުއްވަމުން އައި
ޕައިލެޓެއްގެ ގާތު އާދައިގެ ޑޮމެސްޓިކް އެއަރޕޯޓެއްގެ ރަންވޭގައި 747 ގެ އެ ބޯޓު
ޖައްސަން އެއަރޓްރެފިކް ކޮންޓޮރޯލަރ އެންގުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ.
ހަމައެގޮތަށް، އާދައިގެ ވަރަކަށް ކުލާހުގައި ސަކަރާތް ޖަހަންތިއްބާ ކުއްލިއަކަށް
އެ ހާލަތު ބަދަލުވެދާނެކަމަށް، މުދައްރިސު އުއްމިދުކުރައްވައިގެން ނުވާނެއެވެ.
ދަރިވަރުންގެ ފަރާތުން މާމަތީ އުއްމިދުތައް އެއްފަހަރާކުރެއްވުމަކީ ގިނަފަހަރަށް
ނާކާމިޔާބާއި ކުރިމަތިވެ ދަރިވަރުންގެ ސަކަރާތްޖެހުން އާ އުސްމިނަކަށް
ބަދަލުވެދާނެކަމެކެވެ. ދަރިވަރުންގެ ގޮތާއިބާވަތަށް ބަލާފައި އެކަށީގެންވާ
މިންވަރުގެ ބަދަލެއް ދަރިވަރުންގެ ފަރާތުން އުއްމީދުކުރުމާއި އެކަށީގެންވާ
މިންގަނޑެއް ކަނޑައެޅުމަކީ ކިޔަވައިދިނުމަށް ފަސޭހަވާނެކަމެކެވެ. އަދި
ދަރިވަރުންނަށް ކޮންމެވެސް މިންވަރެއްގެ ކާމިޔާބީއެއް ލިބޭނެކަމެކެވެ. ހަގީގީ
އުއްމިދުތަކުގައި ކުލަޖެހޭ ނޫންތޯ އެވެ.
ނިންމުން
ކޮންމެ ނަމޫނާއަކީވެސް އެއިން ލިބޭ އިބުރަތުގައި ވަކި މިންވަރެއްވާ
އެއްޗެކެވެ. އެއަރޓްރެފިކް ކޮން ޓްރޯލްގެ ނަމޫނާއަށް ބަލައިގެން ކުލާސްރޫމު ހިންގުން، މިއީ ވަރަށްވެސް އެކަށީގެންވާ ނަމޫނާއެއް ކަމުގައި
ދެކެމެވެ. ނުކުޅެދޭ އަދި ޖަޒުބާތީ މައްސަލަތައް ހުންނަ ދަރިވަރުންނަށާއި އެނޫން
ދަރިވަރުންނަށްވެސް އެދަރިވަރުންގެ ނަފުސު އަމިއްލައަށް ބަލަހައްޓަން
ހިތްވަރުދެއްވާ އަދި ދަރިވަރުންގެ އުނގެނުން މަތިކުރައްވަން މަސައްކަތްކުރައްވާ މުދައްރިސުންނަށެވެ.
އެއަރޓްރެފިކް ކޮންޓްރޯލަރުން މަތިންދާ ބޯޓް ނުދުއްވައެވެ. އެކަމަކު ޕައިލެޓަށް މަގުދައްކައެވެ.
މުދައްރިސުވެސް ދަރިވަރުންގެ އުޅުން ކޮންޓްރޯލެއް ނުކުރައްވައެވެ. އެކަމަކު
ދަރިވަރުންގެ އުގެނުމަށް މަގުފަހިކޮށްދެއްވަ އެވެ. އެއަރޓްރެފިކް ކޮންޓްރޯލަރުން
ބޭނުންކުރަނީ ސާފުސާދާ އަދި ދޭހަކޮށްގަންނަން ފަސޭހަ ބަސްމަގެކެވެ. ޕައިލެޓް
އެއަށް ތަބާވެ ބޯޓު ދުއްވުމުން އަމާން އަދި އުފާވެރި ދަތުރަކަށް މަގުފަހިވެ އެވެ. މި
ނަމޫނާ ، މުދައްރިސު ކުލާހުގައި ބޭނުން ކުރައްވައިފިނަމަ، އުނގަންނައިދެއްވުން
ކަމިޔާބުވެފައި އުނގެނުމުގެ މާހައުލު ހިތްގައިމުވާނެއެވެ.
ރިފަރެންސް ލިސްޓް
ކުކް، އެމް.އެން. (2005). ދަ ޑިސްރަޕްޓިވް އޮރ އޭޑީއެޗްޑީ ޗައިލްޑް: ވަޓް ޓު
ޑޫ ވެން ކިޑްސް ވިލްނޮޓް ސިޓް ސްޓިލް އެންޑް ބީ ކްވައެޓް. ފޯކަސް އޮން
އެކްސެޕްޝަނަލް ޗިލްޑްރެން، 37 (7)، 1-8.
އެލްބަރޓް، އެސް. އާރ.، އެނޑަރސަން، އެލް.އެލް.، އަދި މަރޓިން، ސީ.އެމް.
(2005). ޓީޗިންގ އެލެމެންޓަރީ ސްޓޫޑެންޓްސް ވިތް ބިހޭވިއަރ ޑިސްއޯޑަރސް ތޮ
ރެކްރޫޓް ޕޮޒިޓިވް ޓީޗަރ އެޓެންޝަން: އިފެކްޓްސް އޮން މެތު ޕްރޮފިޝެންސީ. ޖަރނަލް
އޮފް އަރލީ އެންޑް އިންޓެންސިވް ބިހޭވިއަރ އިންޓަރވެންޝަން، 2، 59-73.
ބޭކަން، ، އީ.އެޗް. (1990). ޔޫޒިންގ ނެގެޓިވް ކޮންސިކުއެންސެސް އެފެކްޓިވްލީ.
އެކެޑެމިކް ތެރެޕީ، 25، 599-611.
ބަރބެޓަރ، ޕީ. އެމް.، ނޮރޮނާ، ކޭ.އެލް.، އަދި ބިޗަރޑް، ޑީ.އެފް. (2005).
ކްލާސްރޫމް ބިހޭވިއަރ މެނެޖްމެންޓް: އަ ޑަޒަން ކޮމަން މިސްޓޭކްސް އެންޑް ވަޓް ޓް ޑޫ
އިންސްޓެޑް. ޕްރިވެންޓިންގ ސްކޫލް ފެއިލުއަރ، 49 (3)، 11-19.
ލިޔުން ނެގީ: http://mohamednasir.blogspot.com އިން
0 comments:
Post a Comment