Thursday, March 6, 2014

ސަމާސައަކަށް ކޮށްލެވޭ ކުޑަކުޑަކަމެއްވެސް ހީނުކުރާވަރުގެ ބޮޑުކަމަކަށް ވެދާނެ

11:18 PM

ސަމާސާ ކުރުމަކީ މައްސަލައެއް ނޫނެވެ. ސަމާސާ ކުރަންޖެހޭ ކަންކަމުގައެވެ. އެކަމަށް އެންމެ އެކަށޭނަ ދަނޑިވަޅުތަކުގައެވެ. އެކަމަށް އެކަށޭނަ މީހުންނާއި އެކުގައެވެ. ނަމަވެސް ކޮންމެ ކޮންމެ ކަމެއްގައި ސަމާސާ ކުރާކަށް ނުވާނެއެވެ. ސަމާސާ އަކީ ވިހަވާ އެއްޗެއްކަމުން އެކަށީގެންނުވާ ސަމާސާއެއްގެ ސަބަބުން އެ ސަމާސާ ހީވެސް ނުކުރާހާ ވިހަ އެއްޗަކަށް ވެދާނެއެވެ.
މިސާލަކަށް: ސަމާސާއަކަށް ހަދާފައި މަތިންދާ ބޯޓަކަށް ލޭޒަރ ލައިޓް އެޅުވުމަކީ އާދައިގެކަމެއް ނޫނެވެ. އެއީ ސީރިއަސް ކަމެކެވެ. ބައެއް ފަހަރާ އެކަން ޓެރަރިޒަމްގެ ޢަމަލަކަށްވެސް ވެދެއެވެ. އެހެން ވެފައިވެސް އެބަހުއްޓެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 23 ވަނަ ދުވަހު ވަނީ އެފަދަކަމެއް ހިނގާފައެވެ. މީޑިއާގައި އެ ޚަބަރުވަނީ ޢާއްމުވެފައެވެ. އެއީ މާލެއިން ކައްދު އަށް ފުރަން ތައްޔާރުވެފައި އޮތް ފްލައިމީގެ ބޯޓެއް ގޮއްވާލާނެ ކަމަށް ބުނި ހަތަރު މީހަކު އޭވިއޭޝަން ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެންދާން ޖެހުމެވެ.
މިމައްސަލައާއި ގުޅިގެން ސިފައިންގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު ޒިޔާދު "ހަވީރަ"ށް ވިދާޅުވީ އެ ހަތަރު މީހުން ބޯޓް ގޮއްވާލާނެ ކަމަށް ބުނީ ފްލައިޓް ޑިލޭވަމުން ދިއުމުން ރުޅިގަދަވެގެން ކަމަށާއި އެއީ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށް އެ މީހުން ފަހުން ބުނެފައިވާ ކަމަށެވެ.

"ނަމަވެސް މިފަދަ މައްސަލަތަކުގައި އަޅުގަނޑުމެން ފިޔަވަޅު އަޅަންޖެހޭ. އެއީ އޭވިއޭޝަން ރެގިއުލޭޝަންތައް އޮންނަ ގޮތުން ބިރު ދެއްކުމުގެ ވާހަކައެއް ނުދެއްކޭނެ.  އެފަދަ ވާހަކައެއް، އިންޒާރެއް ދީފި ނަމަ އެ މީހަކު ފުރުން ހުއްޓުވަން.  އަދި އެ މީހުން ފުލުހުންނާ ހަވާލުކުރަން. މި މީހުން ވެސް ހަވާލުކުރާނަން،" ޒިޔާދު ވިދާޅުވި އެވެ. "އަދި މިދަނީ އެ މީހުންގެ ރިޕޯޓްތައް ތައްޔާރުކުރަމުން. އެއަށް ފަހު އެ މީހުން ފުލުހުންނާ ހަވާލުކުރާނީ."

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެފަދަ މައްސަލައެއް އަދި ފުލުހުންނަށް ލިބިފައި ނެތް ކަމަށެވެ.

ވިލާ އެއާގެ ފްލައިމީގެ މެނޭޖިން ޑިރެކްޓަރު ރިޟްވާން ޝަރީފު "ހަވީރަ"ށް ވިދާޅުވީ 7:30 ހާއިރު ފުރަން އޮތް ބޯޓުގައި ތިބި ހަތަރު ޕަސެންޖަރަކު ބިރު ދެއްކުމުގެ އިންޒާރު ދިނުމުން 45 މިނެޓަށް ފްލައިޓް ޑިލޭވެގެން ދިޔަ ކަމަށެވެ.
މިހުންނަނީ ޢާއްމުން ވިސްނާންޖެހޭ ސީރިއަސް ކަންކަމެވެ. ސަމާސާ ކުރާނީ ސަމާސާ ކުރާވަރުގެ ކަންކަމުގައެވެ. އެހެން ނޫނީ....

Posted by

This is the official blog of Kadhdhoo Air Traffic Service Unit.

0 comments:

Post a Comment

 

© 2013 KATS. All rights resevered. Designed by Templateism

Back To Top