Wednesday, October 21, 2015

އެއާޕޯޓް ޓަވަރުގެ މަސައްކަތްތައް އަމިއްލަ ތަޖުރިބާ އިން

3:24 AM

މިއީ 2015 ވަނަ އަހަރުގެ ދުނިޔޭގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހު ނޫސް ވަގުތުން ތައްޔާރުކޮށްފައިވާ
ލިޔުމެކެވެ. ލިޔުނީ 

އެއާޕޯޓެއްގެ ރަންވޭއަށް ފްލައިޓެއް ޖައްސާ މަންޒަރަކީ ގިނަ ބަޔަކު ހިތްގައިމުކަމާ އެކު ބަލާލަން އެދޭ މަންޒަރެކެވެ. މަތިންދާ ބޯޓެއް ވައިމަތީގައި އުދުހޭތަން ފެނުމުން ގިނަ ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއެވެ. ނަމަވެސް އެއް މަންޒިލުން ނައްޓާލައިގެން އަނެއް މަންޒިލާ ހަމައަށް ދެވެންދެން ވައިމަތީގައި، ބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އުދުހެން ވީ މަގު ދައްކައި ދެނީ ވަކި ތަނަކުންނެވެ. އެއީ ކޮންމެ އެއާޕޯޓެއްގައިވެސް ގާއިމް ކޮށްފައި ހުންނަ އެއާރ ޓްރެފިކް ކޮންޓްރޯލް ސެންޓަރެވެ.
އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރުގެ ބޭނުމަކީ އެ އެއާޕޯޓެއްގައި، ފްލައިޓުތައް ޖައްސާއިރާއި ނައްޓާލާއިރު އަމަލު ކުރަންޖެހޭ ގޮތުގެ އިރުޝާދު ދިނުމެވެ. އެއާ ޓްރެފިކް ކޮންޓްރޯލް އާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށްޓަކައި ވަގުތުގެ ނޫސްވެރިން ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓު ޓަވަރަށް ޒިޔާރަތްކޮށް އެތަނުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާއި ތަނުން ދޭ ހިދުމަތްތަކާ ބެހޭ މައުލުމާތު އެއްކޮށްފައެވެ.
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
މިއަދަކީ ދުނިޔޭގެ އެއާ ކޮންޓްރޯލަރުންގެ ދުވަސް ކަމަށް ވުމާއެކު މި ލިއުމުގައި އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިއްސާ ކޮށްލާނީ އެއާޕޯޓު ޓަވަރުގެ ބޭނުމާއި ޓަވަރުން ފްލައިޓުތަކަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން ޓަވަރުގައި މުއައްޒަފުން މަސައްކަތް ކުރާ ގޮތުގެ ކުރު ތަފްސީލެކެވެ.
އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރ ބަހާފައިވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ އޭރިއާ ކޮންޓްރޯލް ޔުނިޓާއި އެޕްރޯޗް ކޮންޓްރޯލް ޔުނިޓުގެ އިތުރުން އެއިރޯޑްރޯމް ކޮންޓްރޯލް ޔުނިޓު އަދި ގްރައުންޑް ކޮންޓްރޯލް ޔުނިޓެވެ. މި ހަތަރު ޔުނިޓުތަކުގެ ތެރެއިން އޭރިއާ ކޮންޓްރޯލް ޔުނިޓާއި އެޕްރޯޗް ކޮންޓްރޯލް ޔުނިޓު ގާއިމްކޮށްފައި ހުންނަނީ ޓަވަރު އިމާރާތުގެ ތެރޭގައި، ހަދާފައި ހުންނަ އޮފީސް ބައިގެ ތެރޭގައިއެވެ. ޓަވަރުގެ ހުރިހާ ކަންތައްތަކެއް ބަލަހައްޓަނީ ޓަވަރު އިމާރާތުގައެވެ އެތަނުގެ އެޑްމިން ބަޔާއި ޓެކްނިކަލް ބައިގެ އިތުރުން ސްޓޯ ރޫމްވެސް ހުންނަނީ ޓަވަރު ހުންނަ އިމާރާތު ތެރޭގައެވެ. ދުރުން ބަލާލާއިރު ކުޑައެއް ކަމަކު އެއާޕޯޓު ޓަވަރަކީ ބޮޑު އަދި ފުޅާ ތަނެކެވެ.
އެއާޕޯޓް ކޮންޓްރޯލް ޓަވަރ އިން ބޭރު ފެންނަ ގޮތް – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ކޮންޓްރޯލް ޓަވަރ އިން ބޭރު ފެންނަ ގޮތް – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އަޅުގަނޑު ދެން އަވަސް ވެގަންނާނީ ޓަވަރުގެ ވަކި ވަކި ބައިތަކުން ކުރާ މަސައްކަތްތަކާއި ދޭ ހިދުމަތްތަކުގެ ތައާރަފެއް ތިޔަބޭފުޅުންނާ ހިއްސާ ކޮށްލުމަށެވެ.
އޭރިއާ ކޮންޓްރޯލް
އޭރިއާ ކޮންޓްރޯލަރުން ކުރާ މައިގަނޑު މަސައްކަތަކީ މުޅި ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓާ އަދި މޮނިޓާ ކުރުމެވެ. އަދި ވައިމަތީގައި ހިނގައިދާނެ ނުރައްކާތެރި ހާދިސާއަކުން މި ސަރަހައްދުގައި ދަތުރުކުރާ ފްލައިޓުތައް ރައްކާތެރިކަމާއެކު އެއާޕޯޓާ ހަމައަށް އައުމަށް އެހީތެރިވެދިނުމަކީވެސް އޭރިއާ ކޮންޓްރޯލަރުގެ މަސްއޫލިއްޔަތެކެވެ. ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަންނަ ކޮންމެ ބޯޓެއްގެ ރައްކާތެރިކަމަށް އޭރިއާ ކޮންޓްރޯލުން ސަމާލުވާން ޖެހެއެވެ. އަދި އެއާޕޯޓަށް ލޭންޑު ކުރުމަށް، 14،000 ފޫޓަށް ބޯޓު ތިރިކުރުމުން އޭރިއާ ކޮންޓްރޯލްގެ މަސްއޫލިއްޔަތު ނިމުނީއެވެ. 14،000 ފޫޓަށް ބޯޓު ތިރިވުމުން ބޯޓުގެ ބެލެނިވެރިކަމާ ހަވާލު ވާނީ އެޕްރޯޗް ކޮންޓްރޯލުންނެވެ. ރާއްޖޭގެ ވައިގެ ސަރަހައްދު ހުރަސްކޮށް އެހެން ގައުމުތަކަށް ދަތުރު ކުރާ ބޯޓުތައް ރާއްޖޭގެ ވައިގެ ސަރަހައްދުން ބޭރަށް ދަންދެން އެބޯޓުތަކުގެ ސަލާމަތަށް ކޮންޓްރޯލަރުން ވިސްނަން ޖެހެއެވެ.
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެޕްރޯޗް ކޮންޓްރޯލް
އެޕްރޯޗް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތަކީ މާލެއިން ފެށިގެން 50 ނޯޓިކަލް މޭލު ބޭރުން، 14،000 ފޫޓު ތިރިން، މާލޭ އެއާޕޯޓަށް ޖައްސަން އަންނަ ފްލައިޓުތައް އެއާޕޯޓުގައި ލޭންޑު ކުރަންދެން އެފްލައިޓުތަކަށް ލޭންޑު ކުރުމާ ގުޅޭ ގޮތުން އިރުޝާދު ދިނުމެވެ.
ލޭންޑު ކުރަން އެއްފަހަރާ 10 ވަރަށް ބޯޓުވެސް އަންނަ ކަމަށް އެއާޕޯޓު ޓަވަރުން މައުލޫމާތު ދިން އޮފިޝަލަކު ވަގުތަށް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތްތަކުގައި ފުރަތަމަ ލޭންޑު ކުރަންވީ އުޅަނދާއި މަތީގައި ދެން ތިބި އުޅަނދުތަކުން އަމަލު ކުރަންވީ ގޮތް އެޕްރޯޗް ކޮންޓްރޯލަރުން އެ އުޅަނދުތަކަށް ކިޔައިދޭނެކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެއާޕޯޓަށް ޖައްސަން އަންނަ އުޅަނދުތައް، އެކަތި އަނެކައްޗާއި ވަކި ދުރުމިނެއްގައި ބެހެއްޓުމަކީވެސް އެޕްރޯޗް ކޮންޓްރޯލަރެއްގެ ޒިންމާއެއް ކަމަށެވެ. އަދި އެއާޕޯޓުން ނައްޓާލާ އުޅަނދުތައްވެސް އެކަތި އަނެއްކައްޗާއި ވަކި ދުރުމިނެއްގައި ބެހެއްޓުމަކީވެސް ކޮންޓްރޯލަރުންގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެޕްރޯޗް ކޮންޓްރޯލަރުންނާއި އޭރިއާ ކޮންޓްރޯލަރުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ އަދި ތޫނުފިލި ބަޔަކަށް ވާންޖެހެއެވެ. ކުއްލި ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ނިންމަން ޖެހޭ އެންމެ ރަނގަޅު ނިންމުން ވަގުތުން ވަގުތަށް ނެގޭނެ ފެންވަރު ހުރި މީހަކަށް ވާން ޖެހެއެވެ.
އެއާޕޯޓް ޓަވަރުގައި ބޭނުން ކުރާ ބައެއް ތަކެތި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ޓަވަރުގައި ބޭނުން ކުރާ ބައެއް ތަކެތި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއިރޯޑްރޯމް ކޮންޓްރޯލް (އެއާޕޯޓް ކޮންޓްރޯލް)
އެއިޑްރޯމް ކޮންޓްރޯލަރުންގެ މަސްއޫލިއްޔަތަކީ ކޮންޓްރޯލް ޓަވަރުގެ އެންމެ މަތީ ބައިގައި ތިބެގެން އެއާޕޯޓަށް ޖައްސާ އަދި އެއާޕޯޓުން ނައްޓާލާ އުޅަނދުތައް، އެކަތި އަނެއްކައްޗާއި ދެމެދު ހުންނަ ދުރުމިން ބަލައި އެކަށީގެންވާ ދުރުމިނެއްގައި ބޯޓުތައް މެއިންޓެއިން ކުރުމެވެ. އޭގޮތުން ބޯޓުތައް ފުރުމުގެ އާއި ލޭންޑު ކުރުމަށް ބޯޓުތައް ތަރުތީބު ކުރުންވެސް އެއާޕޯޓު ކޮންޓްރޯލާގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނެއެވެ.
ގްރައުންޑު ކޮންޓްރޯލް
ގްރައުންޑް ކޮންޓްރޯލަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ރަންވޭއިން ނައްޓާލާ އުޅަނދުތައް ޓޭކްއޮފް ކުރަން އިރުޝާދު ދިނުމާއި ފްލައިޓުތައް ރަންވޭއަށް ޖެއްސުމަށް އިރުޝާދު ދިނުމެވެ. އަދި ޓޭކްއޮފް ކުރާ އުޅަނދެއްނަމަ ޓޭކް އޮފް ކުރާ ހިސާބުން އެބޯޓެއްގެ ކޮންޓްރޯލް އެޕްރޯޗް ކޮންޓްރޯލަރާއި ހަވާލު ކުރެއެވެ. އަދި އެއާޕޯޓާ 50 ނޯޓިކަލް މޭލު ބޭރުން 14000 ފޫޓަށްވުރެ މައްޗަށް އެރުމުން އެޕްރޯޗް ކޮންޓްރޯލާ އެބޯޓެއް ހަވާލު ކުރެއެވެ.
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
މި ލިޔުމުގައި އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިސާބަށް މިގެނެސްދިނީ އެއާޕޯޓު ޓަވަރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރުގެ މުއައްޒަފުން ނުވަތަ ކޮންޓްރޯލަރުން ފްލައިޓުތައް ކޮންޓްރޯލްކޮށް ސަލާމަތްތެރިކަމާއެކު އެއާޕޯޓު ރަންވޭއާ ހަމައަށް ގެނެސްދިނުމުގައި ކުރާ މަސައްކަތްތަކުގެ ކުޑަ ތައާރަފެކެވެ. ބަލާބެލުމަށް ކުޑަކަމެއްގެ ގޮތުގައި ސިފަ ވިޔަސް ކޮންޓްރޯލަރެއްގެ ޒިންމާ ވަރަށް ބޮޑެވެ. ހެދޭ އެންމެ ގޯހަކުންވެސް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވެއެވެ.
މާލޭ އެއާޕޯޓުގައި މިހާރު 80 އަށް ވުރެ ގިނަ ކޮންޓްރޯލަރުން ތިބި އިރު އޭގެ ތެރޭގައި ހަތް އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިއީ ދިވެހި އަންހެނުންނަށް ލިބޭ ފަހުރެކެވެ. އެފަދަ ބޮޑެތި ޒިންމާތައް އަންހެނުންނަށް ނުނެގޭކަމަށް ހީކުރާ ހީކުރުންތަކަށް ދެވޭ ރައްދު ޖަވާބެއްވެސް މެއެވެ.
ޓަވަރުގެ މަސައްކަތްތައް އާންމު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ވަގުތު ޓީމަށް މާލޭ އެއާޕޯޓްސް ކުންފުނިން ދިން އެއްބާރުލުން ފާހަގަކުރައްވައި އެކުންފުނީގެ މެނޭޖްމެންޓަށް ޝުކުރު ދަންނަވަމެވެ.

Posted by

This is the official blog of Kadhdhoo Air Traffic Service Unit.

0 comments:

Post a Comment

 

© 2013 KATS. All rights resevered. Designed by Templateism

Back To Top